ޤައުމެއްގެ ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތު ކަށަވަރު ކުރުމަކީ މުހިންމުކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި ވަނީ މި އަހަރުގެ ތީމް ”ހެލްތީ ބިގިނިންގްސް، ހޯޕްފުލް ފިއުޗަރޒް“ ކަށަވަރު ކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރައްވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ޞިއްޙީ ނިޒާމުތައް ހަރުދަނާކޮށް، ކޮންމެ މަންމައަކާއި ދަރިއަކަށް ދުޅަހެޔޮ ފެށުމެއް ތަޖުރިބާކުރެވޭނެ މުޖުތަމަޢެއް އުފެއްދުމަށްޓަކައި، ސަރުކާރުން މަސައްކަތް ކުރާނޭ ކަމުގެ ޔަޤީންކަން ރައީސްގެ މެސެޖުގައި ދެއްވާފައި ވެއެވެ.
ހަމައެހެންމެ ކޮންމެ ޤައުމެއްގެ ކުރިއެެރުމާއި ތަރައްޤީގައި މައިންނާއި އަލަށް އުފަންވާ ކުދިންގެ ޞިއްޙަތުގެ ފެންވަރު ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކުއްލި ހާލަތްތަކުގައި މައިންނަށް ދެވޭ ޚިދުމަތް ރަނގަޅުކުރުމުގެ މަސައްކަތް ރާއްޖޭގައި މިހާރު ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހާސިލްކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ޕްރީނޭޓަލް، އެންޓިނޭޓަލް އަދި ޕޯސްޓްނޭޓަލް ކެއަރ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ކޮންމެ މަޔަކީ، ޤާއިމްކުރެވިފައިވާ ޞިއްޙީ މަރުކަޒެއްގައި ވިހާ އަދި ވިހެއުމުގައި ތަމްރީނުވެފައިވާ ޚިދުމަތްތެރީންގެ ޚިދުމަތް ލިބޭ މައެއްކަން ކަށަވަރު ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
އެކުވެރި ދައުލަތްތައް ފަދަ އިދާރާތަކާއި ޖަމުޢިއްޔާ، ޖަމާޢަތްތަކާއި ވަކިވަކި ފަރުދުުންގެ އެހީތެރިކަމުގައި ވެކްސިންޖެހުމާއި، ކުޑަކުދިންގެ މިންހެޔޮ ކާނާއާއި، ގާތުން ދިނުމުގެ ކާމިޔާބު މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިގޮތުން މިފަދަ ޚިދުމަތްތައް ދިނުމުގައި ހެލްްތް ކެއަރ ވޯކަރުން އަދާކޮށްފައިވާ ދައުރަށް އެ މަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި، ޕްރައިމަރީ ހެލްތު ކެއަރ، ޔުނިވަރސަލް ހެލްތު ކަވަރޭޖް އަދި، ޑިޖިޓަލައިޒޭޝަންގެ އެހީތެރިކަމާއެކު ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެކަމުގައި ވިދާޅުވިއެވެ.
އޭގެ ސަބަބުން، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ކަށަވަރުކުރެވިގެންދާނޭ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ދުޅަހެޔޮ ދިރިއުޅުމަކަށް، ހަރަކާތްތެރިވުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ފޯކަސް ކުރުމުގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތަށް ގެއްލުންވާ ޢަމަލުތަކުން ދުރުވުމަށް ގޮވާލައްވާފައިވެއެވެ.




