ކުދިންގެ އެންމެ ޅަފަތުގައިޖެހޭ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް، ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަ ކުރުމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ މިއަދަކީ ދުނިޔޭގެ ސިއްޙަތު ދުވަސް ކަމުގައިވާތީ، މިދުވަހާ ގުޅޭގޮތުން ދެއްވި ޚިޠާބުގައެވެ.
އެގޮތުން އެ ޚިޠާބުގައި މިނިސްޓަރ ނާޒިމް ވިދާޅުވީ ދުޅަހެޔޮ އަދި ހަރުދަނާ ޖީލެއް ބިނާކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.
”ބަނޑުގައި ދަރިފުޅު ގަރުބަގަތުމުގެ ކުރިން ހާއްސަކޮށް މައިމީހާގެ ސިއްހީ ހާލަތު ހުރިގޮތާއި ސިއްހީ އާދަތަކާއި މާބަނޑު ދުވަސްވަރު އަދި ދަރިފުޅު އުފަންވުމަށް ފަހު ވެސް މައިމީހާ އާއި ދަރިފުޅުގެ ސިއްހީ ކަންކަމަށް ސަމާލުވާންޖެހޭ“ މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ހެލްތު މިނިސްޓަރު ވިދާޅުވީ ކުޑަކުދިންގެ ނިއުޓްރިޝަން ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމަށް ސިއްހީ ހިދުމަތްތެރިންނާއި މައިންބަފައިން އަހުލުވެރިކުރަން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ތުއްތު ކުދިންގެ ޅަފަތުގައި ދިމާވާ ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް ދެވޭ ވެކްސިންތައް ފަރުވާތެރިކަމާއެކު ތާވަލާ އެއްގޮތަށް ފުރިހަމަކުރަން ހާއްސަ ސަމާލު ކަމެއް ދިނުމަށް ތަކުރާރުކޮށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
އެގޮތުން ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައި އޮތީ މި ސަރަހައްދުގައި އެއް އަހަރުން ދަށުގެ ތުއްތު ކުދިން މަރުވާ އަދަދާއި ވިހެއުމުގެ ތެރޭގައި މަރުވި މައިންގެ އަދަދު އެންމެ މަތީ ގައުމުތަކުގެ ތެރޭގައިކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ، އަހަރުތަކެއް ފަހުން އެ އަދަދު މިހާރު ވަރަށް ބޮޑުތަން ދަށްކޮށްފައިވާ ކަމަށެވެ.



