މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއަށް 51،221 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ކުރީ ހަފްތާގައި ރާއްޖެއަށް އައިސްފައިވަނީ 47،390 ފަތުރުވެރިންނެވެ. މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.
މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 667،730 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.8 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަަށް އެންމެ ގިނަ ފަތުރުވެރިން އަދިވެސް އައިސްފައިވަނީ ޗައިނާއިން ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ.
މިމަސް ފެށުނުއިރު އިނގިރޭސިވިލާތުން ރާއްޖެއަށް 65،404 ފަތުރުވެރިން އައިސްފައިވާއިރު، މިހާރު އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 70،561ގައެވެ. މިއީ 7 އިންސައްތައިގެ އިތުރުވުމެކެވެ.



