މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާކަށް މި ސަރުކާރަކުން ނޫޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ފަލާހު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ އެމްއެމްއޭގެ އެއްވެސް ކަމަކަށް ނުފޫޒު ފޮރުވާކަށް އަދި ފައިސާ ޗާޕުކުރާކަަށްވެސް މި ސަރުކާރަކުން ނޫޅޭ ކަމަށެވެ.
”މި ސަރުކާރުން ފައިސާ ޗާޕްކުރައްވަން ބޭނުންވާނަމަ ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރައްވާނެ“ ފަލާހު ވިދާޅުވިއެވެ.
ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް އެކަން ކުރަން އުނދަގޫ ކަމަކަށް ނުވާނެ ކަން ފާހަގަކުރައްވާ ފަލާހު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަކީ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަަށް ކަންތައްތައް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ގައުމުގެ އިޤްތިސާދީ ހާލަތު މިހާ ދަށްވެފައި އޮތްއިރު ވެސް ވައުދާ އެއްގޮތަށް ރައީސް މުޢިއްޒު ފައިސާ ޗާޕްކުރައްވަން ދެކޮޅު ހައްދަވަމުންދާކަން ފަލާހު ވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ ކެމްޕެއިން ކުރައްވާ ދުވަސްވަރު ސަރުކާރުގެ އެތެރޭގެ ހާލަތު ސާފެއް ނުވާނެ ކަމަށާއި ގައުމުގެ ކަންކަން ހުންނަ ގޮތުން ރިޔާސީ ވައުދާ އެއްގޮތަށް އަމަލު ނުކުރެވިދާނެކަން ވެސް ފަލާހު ވަނީ މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފާހަގަކުރައްވާފައެވެ.



