އޮޅުހިޔާގެ އާބާތުރަފިލުވާ، އެތަނަށް ބޭނުންވާ އިތުރު ސާމާނުތައް ހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އެނިމަލް ވެލްފެއަރ އިން ބުނެފިއެވެ.
އެގޮތުން ކަމާގުޅުން ހުރި ޖަމިއްޔާތަކާ ގުޅިގެން، މި ފާއިތުވި ބަންދު ތެރޭގައިވެސް އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ އޮޅުހިޔާގެ އާބާތުރަފިލުވާ، އެތަނަށް ބޭނުންވާ ސާމާނުތައް ހަމަކުރުމުގެ މަސައްކަތް ކޮށްފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެނިމަލް ވެލްފެއަރ މިނިސްޓްރީއާ އޮޅުހިޔާ ހަވާލުކުރުމުން އެތަނަށް ބުޅާތައް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންގެންދާ ކަމަށާއި އެގޮތުން ބުޅާ ބޭތިއްބުމަށް ކޮށިތައް ތައްޔާރުކުރުމާއި، ބުޅާތައް ބައިތިއްބާ ކޮށިތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތްތައް ވެސް ކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
އެ މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވުމަށްފަހު ފުރަތަމަ ބެޗްގައި 15 ބުޅާ ބަލަހައްޓަން ފެށިއެވެ. އެ ބުޅާތައް 4 ކޮށްޓަކަށް ބަހާލި ކަމަަށް ވެސް ބުނެފައިވެއެވެ.
އެގޮތުން އެއްކޮށީގައި ކުދި ބުޅަލާއި އޭގެ މައިން، ދެވަނަ ކޮށީގައި އަންހެން ބުޅާ، ތިންވަނަ ކޮށީގައި ފިރިހެން ބުޅާ، އަދި ހަތަރުވަނަ ކޮށީގައި ބަލި ހާލަތު ބޮޑުވެފައިވާ ބުޅާތައް ވަނީ ބަހައްޓާފައެވެ.
މީގެކުރިން ކޮށީގައި ޖަހާފައި ހުރި ދާތުކުގެ ގޮޅިތަކުން، ކުދި ބުޅާތައް ނިކުންނަން ފެށުމުން އެކޮށީގެ ދައުގަނޑުގެމަތިން ގޮޅި ކުދި ދާގަނޑެއް މިހާރުވަނީ ހަރުކޮށްފައެވެ.
މި ބަންދުތެރޭގައި އިތުރު 15 ބުޅާ އޮޅުހިޔާއަށް ގެނެސް، މިހާރު ޖުމްލަ 30 ބުޅާ އެ ފެސިލިޓީގައި ބަލަހައްޓަމުން ގެންދެއެވެ. އަދި އިތުރު ވަސީލަތްތައް ފުރިހަމަ ކުރެވޭ މިންވަރަކުން އޮޅުހިޔާއަށް އިތުރު ބުޅާތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.



