އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވަނީ އެ މަޝްރޫޢުގައި ހިމެނޭ މަގެއްގައި ހުރި އިމާރާތެއް ހުސްކުރަން ދެކޮޅު ހަދާތީ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު މުއްތަލިބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވުމުގެ ސަބަބުން އެ ބިން ކޮންޓްކްޓަރާއި ޙަވާލު ކުރެވިފައި ނުވާ ކަމަށެވެ.
އެގޮތުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، އޭގެ ސަބަބުން ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ އެ ޢިމާރާތް ހިމެނޭ ސަރަޙައްދުގެ މަގުގެ ބައި ޕްރޮޖެކްޓުން އުނިކުރަން ބޭނުންވާކަން ކޮންޓްރެކްޓަރަށް އެންގުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގާފައި ވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އެ ޢިމާރާތަކީ އަދި ޢިމާރާތް ހުރި ބިމަކީ އައްޑޫ އިންޓަރނޭނަލް އެއަރޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށެވެ.
ނަމަވެސް 2 އަހަރެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް އެ ޢިމާރާތް ބޭނުން ކުރަމުންދާ ފަރާތުން ތަން ހުސްކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮންޕެނީއިން އެ ބިން ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަަމައެހެންމެ އެ ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށާއި މި މަހު 17 ގެ ކުރިން އެކަމަށް ޙައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ބިން ހުސްނުކުރެވި މި ޕްރޮޖެކްޓް އިން ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިިނިސްޓަރު ހާމަކުރައްވާފައި ވެއެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ އުއްމީދަކީ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކު އެ ޢިމާރާތް ހުސްކުރެވި ކޮންޓްރެކްޓަރާ ވީހާވެސް އަވަހަކަށް ޙަވާލުކުރެވޭ ގޮތްވުން ކަމަށެވެ.



