ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާކޮށްފިއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓްއޮފީހުން ވަނީ މިއަދު ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ.
އެގޮތުން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައި ކަމަށް ވެސް ބުނެފައިވެއެވެ.



