ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި ޤައުމީ ފުޓުބޯޅަ ޓީމުގެ އެންމެ ނަންމަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ) ގުޅިގެން، މަންފާ ޖަމިއްޔާގެ ފަރާތުން ސްޕޯޓްސް އެކެޑެމީއެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.
މަންފާ ޖަމިއްޔާގެ ފަރާތުން ވަރަށް އަވަހަށް ސްޕޯޓްސް އެކެޑެމީއެއް ވުޖޫދަށް އަންނާނެކަން އަލީ ރަމީޒު ވަނީ އޭނާގެ ފޭސްބުކް އެކައުންޓުގައި ވެސް ރޭގައި އިއުލާނު ކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް އިތުރު މައުލޫމާތު ދެއްވަމުން އެ އެކެޑެމީގެ އެންމެ އިސްފަރާތް އަދި މަޝްހޫރު ވޮލީބޯލް ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނީ، މިމަހު ފަހުކޮޅު މަންފާގެ ސްޕޯޓްސް އެކެޑެމީ ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއީ ޚާއްސަކޮށް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހުޅުވާ އެކެޑެމީއެއް ކަމަށެވެ.
މީގެއިތުރުން އެ އެކެޑެމީގައި ހުރިހާ ވައްތަރެއްގެ ކުޅިވަރުވެސް ހިމެނޭނެ ކަމަށް ކާއްޓޭ ބުންޏެވެ.
”މި އެކެޑަމީގެ މަގުސަދަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތީން މުޅި ރާއްޖޭގައި ކުޅިވަރު ދިރުވައި އާލާކުރުން“ ކާއްޓޭ ބުންޏެވެ.
ކާއްޓޭ ބުނީ މަންފާ ޖަމިއްޔާއިން މިހާރު ކުރިއަށްގެންދަނީ އެކެޑަމީގެ ހިންގާ ކޮމެޓީއެއް ފާސްކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ނިމުމާއެކު ފުރުސަތުތައް ހުޅުވާލާނެ ކަމަށެވެ. އަދި މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ފުރުސަތު ހުޅުވާލައިގެން ހިންގަން ނިންމާފައިވާ މި އެކެޑަމީ ހުޅުވަން އުޅޭކަން އިއުލާނު ކުރުމުން، މިހާރު ވެސް ގިނަ ރަށްރަށުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކާއްޓޭ ބުންޏެވެ.




