އަައްޑޫ ސިޓީގެ ލިންކު ރޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިން ދެންމެ ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީ ލިންކް ރޯޑް، މަގުތަކާއި ފެން ހިންދާ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު އެ މިނިސްޓްރީގައި ބާއްވާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 67.58 ކިލޯމީޓަރުގެ ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އަޅައި، ދުވާރުތައް ހަދައި، މަގުމަތީގެ ނިޝާންތައް ޖަހައި ބޯޑު ހަރުކޮށް، ފޭދޫގައި ފެން ހިންގާ ނިޒާމު ގާއިމްކުރާނެ އެވެ.
މިއީ 829 މިލިއަން ރުފިޔާއަށް ގާތްގަނޑަކަށް ހަތަރު އަހަރުން ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބްއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރު އެވެ.
މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ، ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ބައިވެރިވެ ވަޑައިގަންނެވިއެވެ.



