އއ. ރަސްދޫގެ ގެއެއްގައި ހިނގި އަލުފާނުގެ ހާދިސާގައި ފިހުނު ފިރިހެންމީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
މިހާދިސާގައި ފިހިފައިވަނީ އަލީ ސާމިން (31އ.) އާއި އޭނާގެ އަންހެނުން އާއިޝަތު ރިފްގާ (31އ.) އެވެ. ރިފްގާ ވަނީ މިހާދިސާގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ގައި ނިޔާވެފައެވެ.
އަލިފާނުގެ ހާދިސާގައި ސާމިންގެ ހަށިގަނޑުގެ %78 ވަނީ ފިހިފައެވެ. އެހެންކަމުން އޭނާއަށް މީގެކުރިން ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދީފައެވެ.
އާއިލާގެ ފަރާތުން އެނގިފައިވާ ގޮތުގައި ސާމިން އައިސީޔޫ އިން ނެރުނީ މިމަހުގެ 4 ގައެވެ. އަދި އިތުރުފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ އިއްޔެއެވެ.
ވެންޓިލޭޓަރުން ނެގިނަމަވެސް ސާމިންގެ ހާލު އަދިވެސް ސީރިއަސް ކަމުގައިވެސް އާއިލާއިން ބުނެފައިވެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް މިހާރު ހާލަތު ރަނގަޅުވެފައިވުމުން އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔައީ ކަމަށް ވެސް އޭނާގެ އާއިލާއިން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ސާމިންއާއި ރިފްގާގެ ކޮޓަރި ތެރޭގައެވެ. އެދެމަފިރިންގެ 5 އަހަރުގެ އަންހެން ދަރިއަކު ވެސް ހުންނަ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެކުއްޖާ ކޮޓަރީގައި ނެތްކަމަށް ވެސް މައުލޫމާތު ލިބެއެވެ.



