ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ރާއްޖޭގައި ބިނާކުރުމަށްޓަކައި ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕޯލްގެ ނަތީޖާއިން ދައްކައިފިއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ގާނޫނީ ގޮތުން ކަނޑައެޅުމަށް އާއްމުންގެ ހިޔާލަށް އެދި ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ޕޯލެއް ހުޅުވައިލެއްވީ މިމަހުގެ 3ގައެވެ.
އާންމުންގެ ހިޔާލަށް އެދި އެމަނިކުފާނު އެ ޕޯލް ހުޅުވާލާފައިވަނީ، އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތާ ދުރުކުރުމަށް ”ޖެނަރޭޝަން ބޭން“ ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ދުންފަތް މަނާވާ ގޮތަށް ކަނޑައަޅަން ނިންމަވައި އެކަން އިއުލާނުކުރެއްވުމަށް ފަހުގައެވެ.
މިއީ އާންމުންގެ ހިޔާލަށް ސޯޝަލް މީޑިއާގައި ރާއްޖޭގެ ރައީސަކު ޕޯލެއް ހިމެނުއްވި ފުރަތަމަ ފަހަރެވެ.
މިމަހުގެ 2ވަނަ ދުވަހު، ރައީސްގެ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ދެއްކި ދެވަނަ އެޕިސޯޑުގައި އެމަނިކުފާނު ވިދާޅުވި ގޮތަށް، ރާއްޖޭގައި ދުންފަތް މަނާކުރާ އުމުރުފުރާ ކަނޑައެޅުމަށް އެ ޕޯލްގައި ވެސް ވަނީ ތިން އިހުތިޔާރެއް ދެއްވައިފައެވެ. އެއީ:
– 1 ޖެނުއަރީ، 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން
– 1 ޖެނުއަރީ، 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން
– 1 ޖެނުއަރީ، 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން
ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓުކުރި އެ ޕޯލްގެ މުއްދަތު މިއަދު ހަމަވީއިރު، ނަތީޖާއިން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރުމަށެވެ.
° ”އެކްސް“ ގައި ޕޯސްޓް ކުރެއްވި ޕޯލްގެ ނަތީޖާ:
– ޖެނުއަރީ 1، 2000: %51 މީހުން
– ޖެނުއަރީ 1، 2004، %8 މީހުން
– ޖެނުއަރީ 1، 2007، %41 މީހުން
° ފޭސްބުކްގައި ޕޯސްޓް ކުރެއްވި ޕޯލްގެ ނަތީޖާ:
– ޖެނުއަރީ 1، 2000: %72 މީހުން
– ޖެނުއަރީ 1، 2004، %4 މީހުން
– ޖެނުއަރީ 1، 2007، %23 މީހުން
° އިންސްޓަގްރާމްގައި ޕޯސްޓު ކުރެއްވި ޕޯލްގެ ނަތީޖާ:
– ޖެނުއަރީ 1، 2000: %45 މީހުން
– ޖެނުއަރީ 1، 2004، %13 މީހުން
– ޖެނުއަރީ 1، 2007، %43 މީހުން
ގާނޫނުގައި މިހާރު އޮންނާނީ އުމުރުން 21 އަހަރުން މަތީގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކޭ ގޮތަށެވެ. ނަމަވެސް ޖެނެރޭޝަން ބޭން ގެނެސްފިނަމަ އެ އަހަރަކުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ނުވިއްކޭނެއެވެ.


