ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ މިއަދުވެސް ތާވަލުކޮށްފައެއް ނުވެއެވެ.
މިދިޔަ ރަމަޟާން މަހުގެ ފަހު 10އަށް މަޖިލިހުގެ ޖަލްސާތައް ވެސް ވަނީ ހުއްޓާލައި، ޢީދު ބަންދާއެކު ޗުއްޓީއަށް ގޮަސްފައެވެ. އޭގެފަހުން މިހަފްތާގެ އާދީއްތަ ދުވަހު ސަރުކާރު އަލުން ހުޅުވުމުން މިދިޔަ ހޯމަ ދުވަހު ވަނީ މަޖިލިސް ޖަލްސާއެއް ބާއްވާފައެވެ.
ނަމަވެސް އިއްޔެއާއި މިއަދުވެސް މަޖިލިސް ޖަލްސާއެއް ތާވަލުކޮށްފައެއް ނުވެއެވެ. އަދި ބުރާސްފަތި ދުވަހަކީ އާންމު އުސޫލުން މަޖިލިސް ޖަލްސާއެއް އޮންނަ ދުވަހެއްކަމުގައިނުވާތީ، މާދަމާވެސް މަޖިލިސް ޖަލްސާ އޮންނާނެކަމަކަށް ނުބެލެވެއެވެ. ރައްޔިތުންގެ މަޖިލިސް ޖަލްސާތައް އާންމުކޮށް ބާއްވަން އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
މަޖިލިސް ޖަލްސާ ނެތްނަމަވެސް ބައެއް ކޮމިޓީތަކުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެގޮތުން މިއަދު ތިން ކޮމިޓީއެއްގެ މަސައްކަތް ތާވަލުކޮށްފައިވެއެވެ. އެއީ:
° ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: މަޖިލީހުގެ ތަޅުމުން ކޮމިޓީއަށް ފޮނުވާފައިވާ މައްސަލަތަކެއްގެ މަސައްކަތް
° މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވާފައިވާ، ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒްއާ އިންޓަވިއުކުރުން
° މާލިއްޔަތު ކޮމިޓީ: ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ދިރާސާކުރުން
މަޖިލިސް ޖަލްސާތައް މި ދެދުވަހު ނެތް ސަބަބު އެނގިފައެއް ނުވެއެވެ.



