ރާއްޖޭގައި ފާނަ ބަސަންދު ޖެހިގެން ރިޕޯޓުކުރާ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި 2025 ގެ ފެބުރުވަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ފާނަ ބަސަންދުގެ ވޭދަނަތައް ވަނީ އިތުރުވެފައެވެ.
މިގޮތުން ފެބުރުވަރީ މަހު 190 މައްސަލަ ރިޕޯޓުކުރެވިފައިވާއިރު، މާރިޗު މަހު މި އަދަދު ވަނީ 316 އަށް އިތުރުވެފައެވެ.
މި ބަލީގެ އެންމެ ގިނަ މައްސަލަތައް ފާހަގަކުރެވިފައިވަނީ މާލެ ސަރަހައްދުގެ އިތުރުން (ށ. އަތޮޅު) އަދި (ރ. އަތޮޅު) އިންނެވެ.
މެޑިކަލް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ބަލި ގައިން ގަޔަށް ވަރަށް ފަސޭހައިން އަރައެވެ. ފާނަ ބަސަންދު ޖެހެނީ ހާރޕީޒް ވައިރަހުގެ އާއިލާގެ ތެރެއިން ވެރިސެލާ ޒޮސްޓަރ ނަމަކަށް ކިޔާ ވައިރަހަކުންނެވެ.
ފާނަ ބަސަންދު ބަލީގެ އަލާމާތްތައް:
- ވަރުބަލިކަން އިހްސާސްކުރެވުން
- ހުންއައުން: 38°C (100.4F) އިން 39.4°C (103F) ގެ މިންވަރަކަށް ހުމުގެ އަސަރު ހުރުން
- ކާހިތްނުވުން
- ބޮލުގައި ރިއްސުން
- ކެއްސުން
- ކަރަށް ތަދުވުން
- ބަނޑުގައި ރިއްސުން
- ބްލިސްޓަރސް (ފެންއަރާފައި ހުން ބިހިތަކެއް) ނެގުން
ބަލިން ރައްކާތެރި ވެވޭނެ ގޮތް:
- ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުން.
- މިބަލިޖެހިފައިވާ މީހާ/ކުއްޖާ އޭނާގެ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާލިލަންދެން ބޭރު ތެރެއަށް ނުނިކުތުން.
- ފާނަބަސަންދު ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުން.
- ފަސޭހަވަންދެން ހިފާ ގެންގުޅޭ ތަކެތި (އަންނައުނު.) ކުޅޭ އެއްޗިހި ފަދަ ތަކެތި) ވަކި ކުރުން.
- މިބަލިން ރައްކާތެރިވުމަށް ޗިކަންފޮކްސް ވެކްސިން ޖެހުން.
ފާނަ ބަސަންދު ޖެހުނު ކަމަށް ޝައްކުކުރެވޭނަމަ، ވަގުތުން ޑޮކްޓަރަކަށް ދެއްކުމަށް ސިއްހީ މާހިރުން ލަފާދެއެވެ.



