ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ނުފޯރުވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހް މިހެން ވިދާޅުވީ، މަޖިލީހުގެ ޖަލްސާތައް ނުބާއްވަނީ ރައީސް މުއިއްޒު އަންގަވައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ތުހުމަތު ކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ވާހަކަތަކާއި ގުޅިގެން ފަލާހު ވަނީ މަޖިލީހުގެ ޖަލްސާތައް ނުބާއްވަން ރައީސް އަމުރުކުރަންވީ ކޮން ސަބަބަކާއި ހުރެތޯ ސުވާލުކުރައްވާފަ އެވެ.
”ތިބޭފުޅާ އަށް ހަމަ ރަނގަޅަށް އިނގިވަޑައިގަންނަވާނެ މަޖިލީހަކީ ފުލޯގަ އެކަނިމަސައްކަތްކުރާ ތަނެއްނޫންކަން. އިއްޔެވެސް މިއަދުވެސް ކޮމިޓީތަކުގަ އެތައްމަސައްކަތެއް ހިނގާކަންވެސް އިނގިލައްވާނެ. ފަލާހު ވިދާޅުވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސުން މަޖިލީހަށް ނުފޫޒު ފޯރުވި ގޮތަށް ރައީސް މުއިއްޒު އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ ޖަލްސާއެއް މިހަފުތާގައި ބާއްވާފައި ވަނީ އެންމެ ދުވަހެއްގައެވެ. ނަމަވެސް ކޮމިޓީތަކުން ވަނީ މަސައްކަތްތައް ކުރިއަށް ގެންގޮސްފަ އެވެ.



