ކުޅުދުއްފުށި ސިޓީގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ އަށް މަރުވާން މަސައްކަތް ކުރި ފިރިހެން މީހާ މަރުވެއްޖެއެވެ.
އޭނާ މަރުވީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ކުޅުދުށްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހަކު އެ ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށެވެ.
އެހެންވެ، އޭނާއަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެ ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެން މި މަހުގެ ދެވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެއީ އެރަށު މަނާޒު، 34 އަހަރުގެ، ސާޖިދު ސަމީރު ކިޔާ ދިވެހި ފިރިހެނެކެވެ.
ފުލުހުން ހުކުރު ދުވަހު ބުނީ، މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އަށާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ދީފައިވާ ކަމަށެވެ.



