އައިޖީއެމްއެޗްގެ ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލިމީހުން ބަލާގޮތަށް ނިންމައިފިއެވެ.
މި ކޭމްޕަކީ ރައްޔިތުންނާ ގާތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގާ އައުޓްރީޗް ޕްރޮގްރާމްގެ ދަށުން، ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.
މި މަހުގެ 24 އިން 26 އަށް ކުރިއަށްގެންދާ މި ކޭމްޕްގައި ރާއްޖޭގައި މަސައްކަތްކުރައްވާ އެކި ދާއިރާތަކުގެ ތަޖުރިބާކާރު އަށް ޑޮކްޓަރުން ހިމެނޭ ޓީމެއް ބައިވެރިވާނެއެވެ.
މީގެ ތެރޭގައި ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ އާއި، އާންމު އަދި ލެޕްރޮސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އަބްދުﷲ އުބައިދުގެ އިތުރުން ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ މުޙައްމަދު ވަޙީދު ހިމެނެއެވެ.
މި ކޭމްޕްގައި ޑޮކްޓަރުންގެ ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި، ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި ބާވަތުގެ އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ. މިހާރު ވަނީ މި ޓީމުގެ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ކޭމްޕްގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.



