އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ.
ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފެވެ.
މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފްރެންސެސްކޯ ލަ ކަމޭރާއަށް އަރުވާފައިވަނީ ޔޫއޭއީގެ އަބޫދާބީގައި ހުންނަ އެ ޖަމްޢިއްޔާގެ މައި މަރުކަޒުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ބައްދަލުވުމުގައި ސަފީރު ޝަރީފް ވަނީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ދާއިރާއެއްކަން ފާހަގަކުރައްވައި، އައިރީނާއިން މި ދާއިރާއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި މި ދާއިރާއިން ސަރުކާރުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އައިރީނާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.
2009 ވަނަ އަހަރު އުފެދުނު އައިރީނާގައި ރާއްޖެ ބައިވެރިވެފައިވަނީ އެ ޖަމްޢިއްޔާ އުފެދުނީއްސުރެއެވެ. މިހާރު މި ޖަމްޢިއްޔާގައި ޔޫރަޕިއަން ޔޫނިއަންގެ އިތުރުން 169 ޤައުމު ބައިވެރިވެފައިވެއެވެ.
އައިރީނާގެ ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖޭގެ އައު މަންދޫބަށް ކާމިޔާބު ދައުރަކަށް އެދިވަޑައިގަނެ، ރާއްޖެއަށް އެހީތެރިކަން ދެމުންގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.




