ތަރައްޤީއަށް ހިންގޭ މަޝްރޫޢުތައް، އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށްގެންގޮސް ނިންމާލުމަށް ރައްޔިތުން އެއްބާރުލުން ދެއްވުމަށް ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުﷲ މުއްޠަލިބް އެދިވަޑައިގެންފިއެވެ.
މިނިސްޓަރ މުއްޠަލިބް މިހެން އެދިވަޑައިގަތީ ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ މުއްޠަލިބް ވިދާޅުވީ ރާއްޖޭގެ އާމްދަނީއަކީ އަހަރަކު 35 ބިލިޔަނާއި 40 ބިލިޔަން ރުފިޔާއާއި ދެމެދުގެ ޢަދަދެއްކަމަށެވެ. އެގޭތެރެއިން މުސާރަޔާއި އޮފީސްތައް ހިނގުމާއި ސަބްސިޓީ ދިނުމާއި ތައުލީމާއި ސިއްހީ ޚިދުމަތް ދިނުމަށް އެކަނިވެސް 40 ބިލިޔަނެއްހާ ރުފިޔާ ޚަރަދުވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އަބަދުވެސް ލޯނު ހޯދަން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެކަނިވެސް 40 ބިލަޔަން ރުފިޔާގެ މަޝްރޫއުގައި މިހާރުވެސް ސޮއިކޮށްފައިވާކަމަށެވެ.
”ރަށްރަށުގައި އެތައް ބިލިޔަން ރުފިޔާއެއްގެ މަޝްރޫއު ހިންގުންވެފައި އޮންނަނީ ރާއްޖެފަދަ ގައުމަކަށް ބޮޑު ޗެލެންޖަކަށް. ސަބަބަކީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހިޔާލު ތަފާތުކުރުންތަކުގެ އަސަރު ރާއްޖެއަށް ކުރާތީ. އެ އަންނަ ބަދަލާއެކު ލޯނު ނެގުމަށް ދަތިތަކާއި ކުރިމަތިލާންޖެހޭ. އެކަންކަން ރައްޔިތުން ގަބޫލުކުރުމަކީ އަޅުގަނޑުމެން ވަރަށް އެދޭކަމެއް.“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ މުއްޠަލިބް ވިދާޅުވީ މަސައްކަތެއްގެ އަމަލީ މަސައްކަތްފެށުމާއި ހަމައަށް އާދެވެނީ ސަރުކާރެއްގެ ތެރެއިން ވަރަށް ގިނަ މަަސައްކަތްތަކެއް ކުރެވިގެންކަމަށެވެ. އެހެންކަމުން ސަރުކާރުން ކުރާ މިފަދަ ކަންކަމުގައި ރައްޔިތުން ވީހާވެސް ބޮޑަށް އެއްބާރުލުންދީ، ސަރުކާރަށްވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް ސަރުކާރަށް އެއްބާރުލުން ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.



