ފުވައްމުލަކު ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މިއަދު ރަސްމީކޮށް ހަވާލުވެއްޖެއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި މިއަދު ވަނީ ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ފުވައްމުލަކު ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި ސްޓެލްކޯގެ މިންގަނޑަށް އެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެންދިއުމަށްޓަކައި ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކޮށްދެއްވުމަށް އަޒުވަރު އެދިވަޑައިގެންނެވިއެވެ.

ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނީގެ ދަށުން ދެމުން އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ހިންގުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
މި ނިންމުމާ އެއްގޮތަށް ސްޓެލްކޯއިން ދަނީ ފެނަކައިން އަސާސީ ޚިދުމަތްތައް ދެމުން އައި ރަށްތަކުގެ އޮޕަރޭޝަންތަކާ ރަސްމީކޮށް ހަވާލުވަމުންނެވެ.

އެގޮތުން ރާއްޖޭގެ އުތުރުން ހއ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތަކާ މިހާރު ހަވާލުވެފައިވާއިރު، މީގެ ކުރިން ވަނީ އައްޑޫ ސިޓީގެ ކަރަންޓު ޚިދުމަތާވެސް އެ ކުންފުނިން ހަވާލުވެފައެވެ.



