ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރުއާއި މަހާޒު އަލީ ޖާހިރު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހުގެ އަޑުއެހުންތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާދަމާއަށް ތާވަލްކޮށްފިއެވެ.
ފަނޑިޔާރު މަހާޒް އެ އަޑުއެހުމަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ ހާޒިރުވާން އަންގާފައިވަނީ އޭގެ އެއް ގަޑިއިރު ފަހުން 10:00 އަށެވެ.
ޖޭއެސްސީ ގަވައިދުގައިވާ ގޮތުން، ފަނޑިޔާރުންގެ މައްސަލަތަކާ ގުޅިގެން ތަހުގީގު ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ފަނޑިޔާރުންނާއި ހިއްސާ ކުރަން ޖެހެއެވެ. އަދި އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ހަތް ދުވަސް ދިނުމަށްފަހު، އެ މުއްދަތު ހަމަވުމުންވެސް އަޑުއެހުމެއް ބާއްވަން ޖެހެއެވެ.
މިއީ ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ދެ ބޭފުޅުން ޖަވާބުދާރީވުމަށް ފަހު ބާއްވާ ފަހު އަޑުއެހުމެކެވެ.
މި ދެ ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒްގެ އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ”ހުތުރު ބަހުން“ އޭނާއާ ވާހަކަ ދެއްކިކަމަށް ބުނާ މަޖިލީހުގައި މި ދެ ފަނޑިޔާރުން ތިއްބެވި ކަމަށްބުނާ މައްސަލައެކެވެ.




