މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ފެށުމުގެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީގެ ސީއީއޯ ޑރ. ނައުފަލް ޢަބްދުލްހާދީ ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ މާރިޗް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ސައިބަރ ސެކިއުރިޓީ އޭޖެންސީ މަސައްކަތް ކުރަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.
މި އޭޖެންސީ އުފެއްދި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ. އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމަކީވެސް ސައިބަރ ސެކިއުރިޓީ އޭޖެންސީގެ މަޤްސަދެކެވެ.
އެ އެޖެންސީގެ ސީއީއޯ ނައުފަލު ދައުލަތުގެ މީޑިއާއިން ދެއްކި ޝޯއެއްގައި ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ސެކްޓަރއަށް ބަލާއިރު މިދާއިރާގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިދާރާތައް އެއް މިންގަނޑަކަށް ޢަމަލުކުރަން ޤާނޫނީ އޮނިގަނޑެއް ނެތުންކަމަށް ވެސް ނައުފަލު ފާހަގަ ކުރެއްވިއެވެ.
”ޤާނޫނީ ބާރުވެރިކަން ލިބުމުން، މޮނީޓަރިން ޕަބްލިކް ސެކްޓަރއަށް ލާޒިމްވާނެ. މާނައަކީ އަޅުގަނޑުމެންނަށް ފީޑް ދިނުން ލާޒިމްވާނެއޭ. ހަމައޭއާއެކު ކްރިޓިކަލް އިންފްރާސްޓަރަކްޗަރގައި އެބޭފުޅުންނަށް މެންޑޭޓަރީ ކަންތައްތަކެއް ހުންނާނެ. މިސާލަކަށް 2 އަހަރުން އެއްފަހަރު ޕެނިޓްރޭޝަން ޓެސްޓުތައް ހެދުމާއި އޮޑިޓްތައް ހެދުން.“ ނައުފަލް ވިދާޅުވިއެވެ.



