ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާނެ ނުވަތަ ”ޖެނެރޭޝަނަލް ބޭން“ އެއް ކަނޑައެޅުމާ ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ގާނޫނީ ގޮތުން ކަނޑައެޅުމަށް އާއްމުންގެ ހިޔާލަށް އެދި ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ޕޯލެއް ހުޅުވައިލެއްވީ މިމަހުގެ 3ގައެވެ.
އާންމުންގެ ހިޔާލަށް އެދި އެމަނިކުފާނު އެ ޕޯލް ހުޅުވާލާފައިވަނީ، އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޒުވާނުން ދުންފަތާ ދުރުކުރުމަށް ”ޖެނަރޭޝަން ބޭން“ ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ދުންފަތް މަނާވާ ގޮތަށް ކަނޑައަޅަން ނިންމަވައި އެކަން އިއުލާނުކުރެއްވުމަށް ފަހުގައެވެ.
މިއީ އާންމުންގެ ހިޔާލަށް ސޯޝަލް މީޑިއާގައި ރާއްޖޭގެ ރައީސަކު ޕޯލެއް ހިމެނުއްވި ފުރަތަމަ ފަހަރެވެ.
މިމަހުގެ 2ވަނަ ދުވަހު، ރައީސްގެ ”ރައްޔިތުންނާ އެކު“ ޕޮޑްކާސްޓުގައި ދެއްކި ދެވަނަ އެޕިސޯޑުގައި އެމަނިކުފާނު ވިދާޅުވި ގޮތަށް، ރާއްޖޭގައި ދުންފަތް މަނާކުރާ އުމުރުފުރާ ކަނޑައެޅުމަށް އެ ޕޯލްގައި ވެސް ވަނީ ތިން އިހުތިޔާރެއް ދެއްވައިފައެވެ. އެއީ:
° 1 ޖެނުއަރީ، 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން
° 1 ޖެނުއަރީ، 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން
° 1 ޖެނުއަރީ، 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން
ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޕޯސްޓުކުރި އެ ޕޯލްގެ މުއްދަތު ހަމަވީއިރު، ނަތީޖާއިން ދެއްކި ގޮތުގައި އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާ ކުރުމަށެވެ.
މިއަދުގެ ކެބިނެޓު ބައްދަލުވުމުގެ ކުރިން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުޢިއްޒު ވިދާޅުވީ 2022 ވަނަ އަހަރުގެ ހެލްތު ސްޓެޓިސްތިކް ސާވޭ ދައްކާ ގޮތުން، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރެން ދިމާވާ އެންމެ ބޮޑު ސަބަބަކީ އަދި ނުކުޅެދުންތެރިކަމަށް ހުށަހެޅޭ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކަމަށެވެ.
މީގެ އިތުރުން، މީހުން މަރުވާ ސަބަބުތަކަށް ބަލާއިރު ބަލިތަކާ ގުޅިގެން %84 މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވެސް ރައީސްގެ ވީޑިއޯ މެސެޖުގައި ވިދާޅުވިއެވެ.




