މަތީ ތައުލީމު ހާސިލުކުރަން ޒަކާތު ފަންޑުން ސްކޮލަޝިޕަށް މި ހަފުތާގައި ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭގައި ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިނިސްޓަރ ޝަހީމް ރޭގައި ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، މާތް ﷲ ގެ ރަޙުމަތްފުޅާއެކު ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށާއި އެގޮތުން އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރ/ ޕީއެޗްޑީގެ ގިނަ ފުރުސަތުތައް ވެސް ހުޅުވައިލެވޭނެ ކަމަށެވެ.
”މީގެއިތުރުން މިޞްރާއި ސަޢުދީފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް އެއާއެކު އިޢުލާންކުރެވޭނެ. އަދި މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މިޤައުމުގައި ނެތް މުހިންމު ބައެއް ބާއިރާތަކަށް ވެސް އެހީ ދެވޭނެ. ޒަކާތު ފަންޑުގެ ފީ ސަބީލިﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވިގެންދާނެ“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއް ކަމަށެވެ. އަދި މީގެ އިތުރުން ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޚަރަދު ކުރެވޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. މިކަންކަމަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށާއި މީގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ފުއްޕާމެއާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ދަނީ ހޭދަކުރަމުން ކަމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.




