ދުންފަތުން ދުރުހެލިވެފައިވާ ޖީލެއް ބިނާ ކުރުމަށްޓަކައި، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.
ކެބިނެޓުން މި ނިންމުން ނިންމާފައިވާ ވަނީ މިއަދު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގަ އެވެ.
ރައީސް އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު 01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ނިންމަވާފައިވާއިރު، މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަނީ ނިންމަވާފައި ކަމަށެވެ.
އެގޮތުން މި ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ޤާނޫނު ތަންފީޒުކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެއެވެ.
ޖެނަރޭޝަނަލް ބޭންގެ ވާހަކަ އެންމެ ފުރަތަމަ ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ ’ރައްޔިތުންނާ އެކު‘ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ.
މި މަހުގެ 2 ވަނަ ދުވަހު ގެނެސްދެވުނު ދެވަނަ ޕޮޑްކާސްޓްގައި ރައީސް އިތުރަށް ތަފްސީލު ދެއްވަމުން، ޒުވާނުން ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް އިސްކަންދެއްވާނެކަން ހާމަކުރެއްވިއެވެ. ޚާއްޞަކޮށް 18 އަހަރު ފުރޭ ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަމާޒު ހިފާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
އެގޮތުން އެމަނިކުފާނު ވަނީ އާއްމުންގެ ހިޔާލު ހޯދުމަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ:
- ޖެނުއަރީ 1، 2000ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
- ޖެނުއަރީ 1، 2004ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
- ޖެނުއަރީ 1، 2007ގައި އުފަންވި ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން.
އެއާއެކު އެކްސް، ފޭސްބުކް، އަދި އިންސްޓަގްރާމްގައި، އެ ތިން ހުށަހެޅުން ހިމެނޭހެން ޕޯލެއް ވެސް ރައީސް ފެއްޓެވިއެވެ.
މިދިޔަ އަންގާރަ ދުވަހު އެ ޕޯލްގެ ވަގުތު ހަމަވިއިރު އެންމެ ގިނަ ބަޔަކު ތާއީދުކޮށްފައިވަނީ، 2000އިން ފެށިގެން އުފަންވި މީހުންނަށް ސިނގިރޭޓު މަނާކުރުމަށެވެ.




