Upސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓް (ސައުދީ ފަންޑު) ގެ އެންމެ އިސްވެރިޔާ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފިއެވެ.
އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި، ސުލްތާން އަބްދުއްރަހްމާންއަަށް މުލީގޭ ޝަރަފުގެ އިއްޒަތް އަރުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ ދިވެހި ދައުލަތުން ދޭ ތިން ވަނަ ދަރަޖައިގެ އިއްޒަތެވެ. ނިޝާން މުލީގެ އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.
ނިޝާން މުލީގެ ޝަރަފު ސުލްތާން އަބްދުއްރަހްމާނަށް އަރުވާފައިވަނީ، ސައުދީ ފަންޑުން ރާއްޖޭގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ވެފައިވާ އަދި މިހާރު ވެސް ވަމުން އަންނަ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ރާއްޖޭގެ ތަރައްޤީއަށްޓަކައި ސައުދީ ފަންޑުން އަންނަނީ ގިނަ އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ޤައުމީ ވައިގެ ބަނދަރު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުތަކަށް އެކި ފަހަރު މަތިން ފައިނޭންސިން ހަމަޖައްސާފައިވެ އެވެ. އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން 1978، 1981، 1992، 1999 2016، 2024 ވަނަ އަހަރު ފައިނޭންސިން ހަމަޖައްސައިދީފައި ވެ އެވެ.
އެނގިފައިވާ ގޮތުގައި ސައޫދީ ފަންޑުގެ އެންމެ އިސްވެރިޔާ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން އިތުރަށް ބޭނުންވާ 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވާނެ އެވެ. މިއީ އާ ޓާމިނަލް ނިންމަން ސައޫދީ ފަންޑުން ދޭ ދެވަނަމަ ލޯނެވެ.




