ރާއްޖޭގެ ކުޅަދާނަ ލިޔުންތެރިޔާ މުޙައްމަދު ވަހީދު (މަޑުލު ވަހީދު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ވާހަކަ ލިޔުމުގެ ރޮނގުން ގިނަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ މަޑުލު ވަހީދު އަވަހާރަވީއިރު އުމުރުފުޅުން 77 އަހަރެވެ. އަވަހާރަވީ ސިއްޙީ ހާލަތު ދެރަވެގެން ކަމަށް އެނގިފައިވެއެވެ.
މަޑުލު ވަހީދު އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެއް ކަމަށާއި އޭނާއަކީ ރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް އަދި ތަރުޖަމާކުރުންތެރިއެެއް ކަމަށެވެ.
”އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއް. ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވޭ. ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވޭ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ޙާޞިލުކުރައްވާފައިވޭ. ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގެންފައިވޭ. ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައިވޭ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މަޑުލު ވަހީދު ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ.
މަޑުލު ވަހީދުގެ ކަށުނަމާދު އޮތީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މޫނުދެއްކުން މިއަދު 11:00 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް އެބަދެއެވެ.




