ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް ކަމަށާއި އަބަދުވެސް ދިވެހިން އިސްކަންދޭނީ ދިވެހި ބަހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދަކީ ދިވެހިބަހުގެ ދުވަސް ކަމުގައިވާތީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ފޮނުއްވި މެސެޖެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ކޮންމެ އަހަރެއް، ދަހަރެއް، ސައްތައެއް، ސާސްކަފެއް ވެސް ދިވެހީން ކަޑައްތުކުރާނީ ދިވެހިބަހަށް އިސްކަންދެމުން ކަމަށެވެ.
”ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސް. ޒަމާނުގެ ކޮންމެ ފުރޮޅުމަކާއި ކުރިއެރުމަކާއި ފައިހަމަކުރަމުން، ދިވެހިބަސް ދިރެމުން އާލާވަމުން ދިއުމުގެ ފޮނި އުންމީދުތަކާއިއެކު ދިވެހިބަހުގެ ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރަން.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހި ގައުމިއްޔަތު ދިރުވައި އާލާކޮށް، ދިވެހިންގެ ހިތްތަކުގައި ގައުމާއި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކުރުމުގެ މަގުސަދުގައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން އަންނައިރު އޭގެ ދަށުން ވަނީ ”ދިވެހި ގައުމިއްޔަތުގެ އިސްވަރު“ ގެ ނަމުގައި ހާއްސަ ކޮލެޖެއް ވެސް އިފްތިތާހުކޮށްފައެވެ.
އެ ކޮލެޖުއެކުލަވާލާފައިވަނީ ދިވެހި ބަސްގެ ވަރު، ދިވެހި ތާރީހުގެ ވަރު، ދިވެހި ތަރިކައިގެ ވަރު، ދިވެހި ސުމޭކުގެ ވަރު އަދި ދިވެހި ފަންނުގެ ވަރު ހިމެނޭހެން ފަސް ދާއިރާއެއްގެ މައްޗަށެވެ.



