ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެޕްރީލް 13 ވަނަ ދުވަހުގެ 23:50 އެހައިކަންހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 އެހައިކަންކާއިރު ކާރަށް އަރަންދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތްކަމަށާއި ކާރުތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށް ބުނެ ރޭ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި އެއްވެސް މީހަކު ނެތްކަން އެނގިފައިވާ ކަމަށެވެ.
އަދި ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރިއިރު ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމާއި ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




