އއ. ރަސްދޫގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާވެސް ނިޔާވެއްޖެއެވެ.
މިހާދިސާގައި ފިހިފައިވަނީ އަލީ ސާމިން (31އ.) އާއި އޭނާގެ އަންހެނުން އާއިޝަތު ރިފްގާ (31އ.) އެވެ. ރިފްގާ ވަނީ މިހާދިސާގެ ސަބަބުން ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 31 ގައި ނިޔާވެފައެވެ.
އަލިފާނުގެ ހާދިސާގައި ސާމިންގެ ހަށިގަނޑުގެ %78 ވަނީ ފިހިފައެވެ. އެހެންކަމުން އޭނާއަށް މީގެކުރިން ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދީފައެވެ.
އާއިލާގެ ފަރާތުން އެނގިފައިވާ ގޮތުގައި ސާމިން އައިސީޔޫ އިން ނެރުނީ މިމަހުގެ 4 ގައެވެ. އަދި އިތުރުފަރުވާއަށް އިންޑިއާއަށް ގެންގޮސްފައިވަނީ މިމަހުގެ 7ވަނަ ދުވަހުގައެވެ.
ވެންޓިލޭޓަރުން ނެގިނަމަވެސް ސާމިންގެ ހާލު ސީރިއަސް ކަމަށް އޭނާގެ އާއިލާއިން ވަނީ މީގެކުރިން ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ސާމިންއާއި ރިފްގާގެ ކޮޓަރި ތެރޭގައެވެ. އެދެމަފިރިންގެ 5 އަހަރުގެ އަންހެން ދަރިއަކު ވެސް ހުންނަ ކަމަށާއި ނަމަވެސް ހާދިސާ ހިނގި ވަގުތު އެކުއްޖާ ކޮޓަރީގައި ނެތްކަމަށް ވެސް މައުލޫމާތު ލިބެއެވެ.



