ޒަމާނުއްސުރެ ރާއްޖެއަކީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާ އެއްކޮޅަށް އޮންނަ ޤައުމެކެވެ. އިޒްރޭލުގެ ނުބައި ޔަހޫދީން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ނިރުބަވެރި ހަމަލާތަކާއި ދެކޮޅަށާއި، އެ ލޮބުވެތި ރައްޔިތުންނާމެދު ޢަމަލު ކުރަމުންދާ ލާއިންސާނީ ޢަމަލުތައް ހުއްޓާލުމަށް އަދި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުނުކުރުމަށް ރާއްޖެއިން އަބަދުވެސް އަޑުއުފުލައި، ގޮވާލާފައިވެއެވެ.
ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޙީތަކުންނާއި، ބައިނަލްއަގުވާމީ ޚަބަރުފަތުރާ ވަސީލަތްތަކުންވެސް، ކޮންމެ ދުވަހަކުވެސް އިވެމުންދާ ޚަބަރުތަކަކީ އިޒްރޭލުގެ ނުބައި ޢަމަލުތަކުގެ ސަބަބުން ޣައްޒާ ނެތެމުންދާ ވާހަކައެވެ. ޣައްޒާގެ އެތައް ބައިވަރު މުސްލިމު އަޚުންނާއި އުޚްތުން އަދި ކުޑަކުދިންވެސް ނުހަނު ރަހުމުކުޑަ ގޮތެއްގައި ޝަހީދުކޮށްލާ ވާހަކަތަކެވެ. ބަނޑުހައި ހޫނުކަމާއި ބޯހިޔާވަހިކަމަކާ ނުލައި، ދިރިތިބި އެ ޤައުމުގެ ރައްޔިތުން މަދަދަށް އެދި މުޅި ދުނިޔޭގެ ކިބައިން އާދޭސްކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކުން ހިތް ފަޅައިގެން ދާވަރުވެއެވެ.
އެ ރައްޔިތުންނަށް މަދަދުވެރިވުމަށްޓަކައި ރާއްޖެއިން ވަނީ އެކިއެކި މަސައްކަތްތައް ކޮށްފައެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރު އައިފަހުން، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިކަން ފާހަގަވެއެވެ.
އިޒްރޭލުން ފަލަސްތީނުގެ ރަފާގައި ހިންމުންދިޔަ ޖަރީމާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން، ކުރި އަމުރަށް މަރުހަބާ ވިދާޅުވުމާއެކު، އެއަމުރަށް ވަގުތުން ތަބާވުމަށް ރައީސް މުޢިއްޒު ވަނީ އިޒްރޭލަށް މިދިޔަ އަހަރުގެ މެއި މަހު ގޮވާލައްވާފައެވެ.
އައިސީޖޭއިން ނެރުނު އަމުރުގައި ބުނެފައިވަނީ ޣައްޒާގެ ދެކުނުގެ ރަފާގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަމަލާތައް ވަގުތުން ހުއްޓާލާ ރަފާ ކުރޮސިންވެސް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލަން ޖެހޭނެކަމަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ 7ވަނަ ދުވަހު ޔަހޫދީން ރަފާހަށް ހަމަލަދޭން ފެށުމުން ދެކުނު އެފްރިކާއިން އައިސީޖީއަށް ހުށަހެޅި މައްސަލައާ ގުޅިގެން އެކޯޓުން ނެރުނު އަމުރެކެވެ.
އެ އަމުރަށް ތާއީދު ކުރައްވާ ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އިޒްރޭލުން ހިންގާ ޖަރީމާތައް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށާއި ކޯޓުގެ އަމުރުގައި ބުނެފައިވާ ފަދައިން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރަފާހު ކުރޮސިންވެސް އިސްރާއީލުން ހުޅުވާލަން ޖެހޭނެކަމަށެވެ.
ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި އެމަނިކުފާނު އަޑުއުފުއްލަވާފައިވަނީ، ހަމައެކަނި ”އެކްސް“ ގައި ކުރައްވާ ޕޯސްޓުތަކުން އެކަންޏެއް ނޫނެވެ. އެކުވެރި ދައުލަތްތަކުގެ (އދ.)ގެ ސަލާމަތީ މަޖިލީހުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހު ރައީސް މުޢިއްޒު ދެއްވި ތަޤުރީރުގައިވެސް އެމަނިކުފާނުވަނީ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ސަމާލުކަން ގެނެސްދެއްވައި، އެކަން ހުއްޓުވުމަށް ގޮވާލެއްވިއެވެ. މިއީ އިންސާނިއްޔަތަށްޓަކައި އުފުލެވުނު ހަރުދަނާ އަޑެކެވެ. ހަމަހަމަކަމާއި ޢަދުލުވެރިކަމަށް ކުރެވުނު ވަރުގަދަ އިލްތިމާސެކެވެ. އެ މަޖިލީހުގައި ތަޤުރީރުކުރެއްވުމަކީ، މުޅި ތާރީޚުގައިވެސް ރާއްޖޭގެ ރައީސަކު ތަޤުރީރުކުރެއްވި ފުރަތަމަ ފަހަރެވެ. އެފަދަ މުހިންމު މަޖިލީހެއްގައި ރައީސް މުޢިއްޒު ޣައްޒާގެ ދިފާޢުގައި ވާހަކަފުޅު ދެއްކެވުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯތްބާއި ހަމްދަރުދީ ސާބިތުކޮށްދޭ ކަމެކެވެ.
ރާއްޖެއިން ފަލަސްތީނާ އެއްކޮޅަށް ވާހަކަ ދެއްކުމުގެ އިތުރުން އެޤައުމަށް މާލީގޮތުން އެގީތެރިވުމަށްވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެގޮތުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ހައުސްއިން 1 ލައްކަ ޑޮލަރުގެ އެހީއެއް މިދިޔަ އަހަރު ސަރުކާރުގެ ފަރާތުންވަނީ ދީފައެވެ.
މިހުރިހާ ކަމެއްގެ އިތުރުން، ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ތިބިކަން ސާބިތުކޮށްދިން އެންމެބޮޑު އެއް ހެއްކަކީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމެވެ.
އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމަށްފަހު، ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން، އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާ ކުރުމަށެވެ. އަދި އެ ބިލު މަޖިލީހުގައި ފާސްވުމަށްފަހު، ލަސްތަކެއް ނުކޮށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެވަނީ އެ ބިލު ތަސްދީޤުވެސް ކުރައްވާފައެވެ.
މިއީ ކުރީ ސަރުކާރުންވެސް ”ކުރަން ކުރަން“ ތިބި ކަމެކެވެ. ނަމަވެސް މިކަން ކޮށްފައިމިވަނީ ރައީސް މުޢިއްޒުގެ ސަރުކާރުންނެވެ. އަދި އެމަނިކުފާނުގެ މިނިންމެވުމަށް ބައިނަލްއަގުވާމީ އެތައް ޤައުމަކުން ވަނީ މަރުހަބާ ކިޔައި، ތައުރީފު ކޮށްފައެވެ. ރާއްޖެއިން މިސާލުނަގަން ޖެހޭ ކަމަށް ވެސް އެ ޤައުމުތަކުން ބުނެފައިވެއެވެ. މި ހިތްވަރުގަދަ ބޮޑު ނިންމުން ނިންމަވާ، ތާރީޚު ބަދަލުކޮށްލާފައިމިވަނީ ރައީސް މުޢިއްޒުއެވެ.



