ސޯޝަލް މީޑިއާ އެޕްލިކޭޝަނެއް ކަމުގައިވާ ”އެކްސް“ (ކުރީގެ ޓްވިޓާ)ގައި ހަރަކާތްތެރިވަމުންދާ ”ހަސަން ކުރުސީ“ އަކީ ކާކު ގެންގުޅޭ އެކައުންޓެއްކަން އެނގޭކަމަށް ރަޝިއާއިން ރާއްޖެއަށާއި ޝްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ލެވާން ޒަގާރިއަން ވިދާޅުވެއްޖެއެވެ.
ޒަގާރިއަން މިހެން ވިދާޅުވީ، މިސޭލުހެދުމަށް ބޭނުންކުރާ ޗިޕްސްކޮޅުތަކެއް (ހަތިޔާރުތަކެއް) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޮނުވަމުންދާކަން އެމެރިކާގެ ސަމާލުކަމަށް ގެނެސްދިނުމަށް އެދި، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރަށް ކުރުސީ އިއްޔެ ”އެކްސް“ ގައި ކޮށްފައިވާ ޕޯސްޓަކަށް ރައްދު ދެމުންނެވެ.
ކުރުސީގެ އެ ޕޯސްޓަށް ރައްދު ދެއްވަމުން ރަޝިއާއިން ކަނޑައަަޅުއްވާފައި ހުންނަ ސަފީރު ޒަގާރިއަން ވިދާޅުވެފައިވަނީ ”ކުރުސީ“ ގެ ނަމުގައި އެ އެކައުންޓު ހިންގަނީ ކާކުކަން އެނގޭ ކަމަށާއި، އެމެރިކާއާއި ރަޝިއާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރެވެމުންދާ މިފަދަ ދަނޑިވަޅެއްގައި، އެފަދަ ވާހަކަތަށް ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި ރާއްޖެއާއި ރަޝިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ބުރޫނޭރުވުމަށް ވެސް ޒަގާރިއަން އެދިލައްވާފައިވެއެވެ.
”ރައީސް މުޙައްމަދު މުޢިއްޒު ގެންދަވަނީ ޖަޒީރާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށާއި، ރާއްޖެއަށް އަންނަ ރަޝިއާ ޓޫރިސްޓުންވެސް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންކަން އެންމެންނަށް ވެސް އެނގިފައިވޭ. ރަޝިއާގެ ޓޫރިސްޓުން ދެކޭ ގޮރުގާއި ރާއްޖެއަކީ މުޅި ދުނިޔެއިން ވެސް، ޗުއްޓީ ހޭދަ ކޮށްލަން އައުމަށް އެންމެ ހިތްގައިމު އެއް ޤައުމު“ ޒަގާރިއަން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ޒަގާއިރަން ވިދާޅުވެފައިވަނީ ”ކުރުސީ“ ގެ ނަމުގައި އުޅެނީ، ސިޔާސީ ގޮތުން ކުރިން އިސް މަގާމެއްގައި ހުންނެވި (މިހާރު ޔޫރަޕްގެ ޤައުމެއްގައި ހުންނެވި) ބޭފުޅެއްކަމާއި އޭނާކުރާ އެފަދަ ޕޯސްޓުތަކުގެ ސަބަބުން ރާއްޖެއާއެކު އޮތް ގުޅުން ހީނަރުނުވާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.



