ޓިކްޓޮކުން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ ގޮތް ހެދުމަށް ރާއްޖެ އައިސްފައިވާ އެތަނުގެ ޓީމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލު ކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ ޓިކްޓޮކްގެ އިސް ވަފުދެއް މިވަގުތު ރާއްޖެ އައިސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ޓީމާ އެކު ކޮންޓެންޓް އުފައްދާ ދިވެހިންނަށް ޑިޖިޓަލް މަނިޓައިޒޭޝަންގެ ފުރުސަތުތައް ހޯދައިދިނުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެ ވަފުދާ މިއަދު ރައީސް މުޢިއްޒު ބައްދަލުކުރައްވައި، ޑިޖިޓަލް ރާއްޖެއެއް ދެކުމަށް އެމަނިކުފާނު ކުރައްވަވާފައިވާ ތަސައްވުރު ހިއްސާ ކުރައްވާފައިވެއެވެ. އަދި އެމަނިކުފާނުގެ އެ ތަސައްވުރަށް އެހީތެރިވެވޭނެ ގޮތްތަކާމެދުއާއި މުސްތަޤުބަލުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާމެދު އެ ޓީމުން ވަނީ ރައީސްއާ މަޝްވަރާ ކުރައްވާފައެވެ.
އިކޮނިމިކް މިނިސްޓްރީން އިއްޔެ ބުނީ މިއީ ރައީސް މުޢިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން ކުރާ މަޝްވަރާތަކެއް ކަމަށެވެ.
ޓިކްޓޮކް މެދުވެރިކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ މަގު ތަނަވަސްވުމުން ޒުވާނުންނަށް އާމްދަނީ ލިބޭނޭ އިތުރު ފުރުސަތުތައް ފަހިވެގެން ދާނޭ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.



