ހަރަދު ކުޑަކުރުމަށް އެމެރިކާ ސަރުކާރުން ރާއްޖޭގައި ހުންނަ އެމްބަސީ ބަންދުކުރަން ނިންމައިފިއެވެ.
އެމެރިކާ ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން 10 އެމްބަސީ އާއި 17 ކޮންސިއުލޭޓް ބަންދުކުރުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ހިމެނެއެވެ.
އެގޮތުން ސްޓޭޓް ޑިޕާޓްމަންޓްގެ އިންޓާނަލް މެމޯއަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްއިން ބުނީ، އެ މެމޯގައި ބަންދުކުރަން ނިންމާފައިވާ އެމްބަސީތަކަކީ:
° އެފްރިކާގެ ހަ ގައުމެއްގެ އެމްބަސީތައް: ސެންޓްރަލް އެފްރިކަލް ރިޕަބްލިކް، އެރިތްރިއާ، ގެމްބިއާ، ލެސޯތޯ، ކޮންގޯ އަދި ދެކުނު ސޫދާ
° ޔޫރަޕްގެ ދެ އެމްބަސީ: ލަގްޒަމްބާގާއި މޯލްޓާ
° ރާއްޖެ އާއި ގްރެނެޑާގެ އެމްބަސީ
ނިއުޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި، މި ޤައުމުތަކުގައި ހިމެނޭ އެމެރިކާގެ އެމްބަސީތައް ބަންދު ކުރުމަށްފަހު، ކައިރި ގައުމުތަކުގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމެރިކާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރެއް ކަނޑައަޅައި އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވީ 2023 ވަނަ އަހަރުގެ ފަހުކޮޅެވެ. އޭގެ ކުރިން ރާއްޖެއާ ގުޅޭ ހާރިޖީ ކަންކަން އެމެރިކާއިން ބަލަހައްޓަމުން ގެންދިޔައީ ޝްރީ ލަންކާގެ ކޮލަމްބޯގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ.



