ފަލަސްޠީނުގެ ހައްގުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޝުކުރު ހައްގު މަސައްކަތެއް ކަމުގައި އިސްލާމިކް މިނިސްޓަރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
”ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، އަޑު އުފުލުމާއި، އެހީތެރިވުމާއި އަމަލީ ގޮތުން ކުރެވެންހުރި ކަންކަން ކުރެއްވުމުގައި އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ މުޢިއްޒު ގެންދަވަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކުރައްވަމުން. މާތް ﷲ ބަރަކާތް ލައްވާށި. އާމީން.“މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު އިއްޔެ ރައީސް ވަނީ އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ތަސްދީގު ކުރައްވާ އިސްރާއިލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެ ކަމަށް ނިންމަވައިފައެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.




