ހަށިގަނޑުގައި ހަލާކުވެފައި ހުންނަ ފާރުގަނޑުތަކަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ”ވޫންޑް ކެއާ ކްލިނިކް“ މިއަދު ހުޅުވައިފިއެވެ.
މި ކްލިނިކް ހުޅުވުމާއެކު، މިހާތަނަށް ހަމައެކަނި އައިޖީއެމްއެޗުން ލިބެމުންދިޔަ މި ޚިދުމަތް މިހާރު ހުޅުމާލެއިން ވެސް ލިބެން ފަށާނެއެވެ.
އެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތުގައި، ”ވޫންޑް ކެއާ ކްލިނިކް“ ހުޅުވައިދެއްވުމަށްފަހު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވީ އެ ތަނުގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން މަސައްކަތްކުރަނީ، އެއް ތަނާ އަނެއް ތަނާ ވާދަކުރުމުގެ ބަދަލުގައި ދެ ފަރާތުން ވަރަށް ގުޅިގެން ކަމަށެވެ.
”ކުރިއަށް އޮތް ތަނުގައި ވެސް މިގޮތަށް އާ ހިދުމަތްތައް ތައާރަފްކުރާނަން.“ ހަލީމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށް ފަހު، ޕްލާސްޓިކް ސާޖަން، ޑރ. މުހައްމަދު ވަހީދު ވިދާޅުވީ ގިނަ ދުވަސްވީ ފާރުގަނޑުތަކަށް ޒަމާނީ ފަރުވާ ފުޅާވެގެން ދިއުމަކީ ވަރަށް ބޮޑު ލުއެއް ކަމަށެވެ. މީގެ ކުރިން އެ ފަރުވާ ލިބެމުން ދިޔައީ ހަމައެކަނި އައިޖީއެމްއެޗުންނެވެ.
ހުޅުމާލެއަކީ އާބާދީ އެންމެ ބޮޑު އެއް ތަނަށް ވިއަސް، ގިނަ ދުވަސްވީ ފާރުތަކަށް ފަރުވާ ދެވޭނެ ވަކި ތަނެއް ނެތުމުން ދާން ޖެހޭނީ އައިޖީއެމްއެޗަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އަންގާރަ އަދި ބުރާސްފަތި ދުވަހު ހިދުމަތް ދޭ ކްލިނިކް ހުޅުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
މި ކްލިނިކުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ ފަހުގެ ޑްރެސިން މެޓީރިއަލް ބޭނުންކޮށްގެން ފަރުވާ ދިނުން ހިމެނެއެވެ. އަދި މި ކްލިނިކުން ހަފުތާއަކު ދެ ދުވަހު، އެއީ އަންގާރަ އަދި ބުރާސްފަތި ދުވަހު ޚިދުމަތް ދޭނެއެވެ.

އަދި ބަލިމީހުން ރަޖިސްޓްރީކޮށް، އެޕޮއިންޓްމަންޓް ހަމަޖައްސައިދޭނެ ކަމަށް ވެސް ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
މި ކްލިނިކުގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކުގެ ތެރޭގައި ހަކުރު ބަލީގެ ސަބަބުން ފައިގައި ފާރުގަނޑު ޖަހާ މީހުންނާއި، ބޮޑެތި އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ މީހުންނާއި، އެނދުމަތިވެފައި ގިނަ ދުވަހު ތިބޭ މީހުން ހިމެނެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖެނުއަރީން ފެށިގެން އިއްޔެއާ ހަމައަށް 5،076 މީހުންގެ ފާރުގަނޑުތަކަށް ބޭސްކޮށްދީފައިވެއެވެ.
އޭގެ ތެރެއިން 23 މީހަކަށް ޒަމާނީ ގޮތެއްގައި ފަރުވާ ބޭނުންވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.



