މީގެ ހަތަރު އަހަރު ކުރިން، 2021 ވަނަ އަހަރުގެ ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދިން ”އިހުސާސް“ ޕްރޮގްރާމާއެކު އައިމިނަތު އިރަމް އަހްމަދުގެ ވާހަކަ އާންމުންނާ ހަމައަށް ވަނީ އައިސްފައެވެ.
އެއިރު އޭނާގެ ނަމަކީ އަސްރާއެވެ. ނަމަވެސް ސިއްޙީ ހާލަތު ހުރިގޮތުން ފަހުން އޭނާގެ ނަން ”އިރަމް“ އަށް ވަނީ ބަދަލުކޮށްފައެވެ.
ކުޑައިރުން ފެށިގެންވެސް ބަލިހާލުގައި ދިރިއުޅެމުންދިޔަ އިރަމް ވަނީ އެތައް ހިތާމައެއް ނުހަނު ޅައުމުރުގައި ތަހައްމަލު ކޮށްފައެވެ. އެގޮތުން އުމުރުން ތިން އަހަރު ވީއިރުވެސް ނުހިނގުމާއި، ނޭވާލާން އަބަދުވެސް އޮކްސިޖަން ހޮޅި ގުޅާފައި ހުންނަން ޖެހުމާއި، ސިއްހީ ގޮތުން ބަލި ހާލަތު ދެރަކަމުން ނަފްސާނީ ގޮތުން އެކަމުގެ އަސަރު ކޮށްފައި ހުރުމުން ނުކިޔެވުން ހިމެނެއެވެ. މީގެއިތުރުން، އޭނާއަކީ ދަރިން ނުލިބޭ މީހެއްކަމަށްބުނެ ފުރަތަމަ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިޔުމާއި، އިރަމްގެ ބަލިހާލަތު އާންމުންނާ ހަމައަށް ގެނައިރު އޭނާ ކައިރީގައި ހުރި އޭނާގެ އެއިރުގެ ފިރިމީހާ ޔާސިރު އަހުމަދުވެސް އޭނާ ދޫކޮށްލާފައި ދިޔުން ހިމެނެއެވެ.
މީގެކުރިން އަޅުގަނޑަށް ދިން އިންޓަވިއުއެއްގައި އިރަމް ވަނީ އޭނާއަށް ޖެހިފައިވާ ބައްޔަކީ ކޮބައިކަން އެއިރު ދެނެގަނެވިފައިވާ ކަމަށް ބުނެފައެވެ. އެއީ އެއިސެންމެންގާ ސިންޑްރޯމް އެވެ. އެއިރު އޭނާވަނީ އެކަމުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އާންމުންގެ ދީލަތި އެހީއަށް އެދިފައެވެ.
މިއީ އިރަމްގެ ވާހަކަ، ޚުލާސާކޮށެވެ. އޭނާ ތަހައްމަލު ކޮށްފައިވާ ހިތާމަތައް މިއަށްވުރެ ބޮޑެވެ.
ކުރިންވެސް ބުނި ފަދައިން ޔާސިރު ވެސް އޭނާ ދޫކޮށްލާފައި ދިޔުމުން، ދެން އިރަމް ވޭތުކުރަމުން ދިޔައީ އެކަނިވެރި ހަޔާތެކެވެ. ބަލި ހާލަތާވެސް ހަނގުރާމަ ކުރީ އެކަންޏެވެ. ނަމަވެސް އޭނާގެ ހިތްދަތިކަން އުފާވެރިކަމަށް ބަދަލުކޮށްދިނީ އޭނާގެ މިހާރުގެ ފިރިމީހާ ޢަބްދުﷲ ރިޝްދާން (ކޫބެ) އެވެ.
ކޫބެއާއި އިރަމްގެ ކައިވެންޏަށް އަހަރެއް ވަނީއެވެ. އިރަމްދެކެ ކޫބެވާ ލޯތްބާއި އޭނާއަށް އަޅާލާވަރު އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ވެސް ހާމަވެއެވެ. އިރަމްއަށް ދިމާވާ ކޮންމެ ކަމެއްގައި ކޫބެ އޭނާ ކައިރީގައި ހުއްޓެވެ.
ބަލިހާލަތު ބަޔާންކޮށްދީ ޓިކްޓޮކްގައި އިރަމް ވީޑިއޯއެއް އާންމުކުރީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެއާއެކު އޭނާގެ ފިރިމީހާއަށް ބައެއް މީހުން އަމާޒުކުރި ފާޑުކިޔުންތަކަށް ވެސް ރައްދު ދީފައި ހުއްޓެވެ. ކޫބެއަކީ ވަޒީފާއަކަށް ނުގޮސް ހުންނަ މީހެއްކަމަށް ބުނުމުން، އޭނާ އަދާކުދާ މަސައްކަތް އެއަށްވުރެ ބުރަ ކަމަށާއި އިރަމް ”ވެއްޓެންދާ ކޮންމެ ފަހަރަކު ހިފަން ހުންނަ ދެއަތަކީ ފިރިމީހާގެ ދެއަތް“ ކަމުގައިވެސް އިރަމް ބުންޏެވެ.
ނަމަވެސް އިއްޔެ ދިމާވި ކުއްލި ހާދިސާއަކާއެކު އިރަމްގެ ހަޔާތް މިވަނީ އަނެއްކާވެސް ބަދަލު ވެފައެވެ. ފުވައްމުލަކުގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަނިކޮށް ކަރަންޓުގައި ޖެހިގެން ކޫބެ ހަބަރު ހުސްވެގެން ވެއްޓުނީއެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާވަނީ ނިޔާވެފައެވެ.
ކޫބެގެ ކުއްލި ވަކިވުމާއެކު އެންމެންނަށް ވެސް ބޮޑަށް ހަމްދަރުދީވެ ވިސްނާލެވުނީ، އޭނާގެ އަނބިމީހާ އިރަމްއާ ދޭތެރޭގައެވެ. އެދެމަފިރިންނަށް އެންމެންގެ ހެޔޮ ދުޢާތައް ވަނީ އޮއްސާލާފައެވެ.
މާތް ﷲ ޢަބްދުﷲ ރިޝްދާންގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށިއެވެ. އާމީން.
އަދި މިފަދަ ހިތްދަތި ވަގުތެއްގައި އިރަމް އަށާއި އެ ދެމަފިރިންގެ އާއިލާއަށްވެސް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.




