ސައުތު ރީޖަންގެ ރަށްތަކުގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އެގޮތުން ލ. ގަމާއި، ގއ. ކޮލަމާފުށީގެ އިތުރުން އެ އަތޮޅު ވިލިނގިލީގައި މިވަގުތު ހިންގަމުންގެންދާ މަސައްކަތްތައް އާރްޑީސީން ވަނީ ހިއްސާކޮށްފައެވެ.
އާރްޑީސީން ބުނިގޮތުގައި ލ.ގަމުގައި ކުރިއަށްދަނީ އެރަށުގެ ފޭސް 2 ސަރަހައްދީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކަމަށާއި، އަދި ހަމަ އެމަގުގެ މަގު ކޮނުމާއި، ބެކް ފްލިންގްގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން ގއ. ކޮލަމާފުށީގައި ކުރެވެމުން ދަނީ ދަންނަ އާދަމް ސައީދު މަގުގައި ދުވާރުގެ މަސައްކަތް އަދި ތުއްތު ކަތީން މަގުގައި ކީވޯލްގެ މަސައްކަތް ކަމަށް އާރްޑީސީން ބުނެފައިވެއެވެ.
އަދި ގއ. ވިލިނގިލީ ފޭސް 2 ކުދެކަތިބެއްޔާ މަގުގައި ދުވާރުގެ މަސައްކަތް އަދި މޫސާ މަގުގައި ކޯނާރ ކާބްސްޓޯން ޖެހުމުގެ މަސައްކަތް ކަމަށް އާރްޑީސީން ބުންޏެވެ.
އާރުޑީސީން ދަނީ ދެކުނުގެ ހަ ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަމުންނެވެ.
އެއީ ތ. ތިމަރަފުއްޓާއި، ލ. ގަން ފޭސް 2 އާއި، ގއ. ކޮލަމާފުއްޓާއި، ގއ. ވިލިނގިލި ފޭސް 2 ގެ އިތުރުން ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫ އެވެ.



