ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ރައީސަކު އިންތިހާބު ކުރުމަކީ ވަކާލަތު ކުރައްވާ ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ޗެނަލަށް ރޭގައި ފޮނުއްވި މެސެޖެއްގައެވެ. އެގޮތުން އެމަނިކުފާނު ވަކާލާތު ކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފެރެންޝަލް ވޯޓިން ނިޒާމު ކަމުގައި ވިދާޅުވެފައިވެއެވެ.
ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށިފައިމިވަނީ، އެގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންގެ ތާއީދަށް ރައީސް މުޢިއްޒު އެދިފައިވާތީއެވެ. ރައީސް އެފަދައިން އެދިލައްވާފާއިވަނީ މިދިޔަ ހަފްތާގައި މުލިޔާގޭގައި، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
ރައީސްގެ މި އެދިލެއްވުމާއެކު ސިޔާސީ ބައެއް ފަރާތްތަކުގެ މެދުގައި ވަނީ މިކަމާމެދު ހިޔާލު ތަފާތުވުން އުފެދިފައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިއްޔެ ތާއީދު ކުރައްވައި، އެކަމަށް ތާއީދު ކުރައްވަން ފެންނަ ކަމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް އަށް ވެސް ގޮވާލައްވާފައެވެ.
ނަމަވެސް މި ނިޒާމާ ދެކޮޅުކަން އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ކޮބާ؟
އަވަށްޓެރި ޝްރީ ލަންކާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތުގައި ވެސް ބޭނުންކުރާ ޕްރިފެރެންޝަލް ވޯޓިން ނިޒާމަކީ ތާއީދު ކުރާ ކެންޑިޑޭޓުން ނުވަތަ އިހުތިޔާރު ކުރާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓުލާ ނިޒާމެކެވެ.
މި ނިޒާމުގައި ވޯޓުދޭ މީހުން ހަމައެކަނި އެއް ކެންޑިޑޭޓަކު ހޮވުމުގެ ބަދަލުގައި ކެންޑިޑޭޓުން ތަރުތީބުކޮށް (1 ވަނަ، 2 ވަނަ، 3 ވަނަ، މިފަދައިން) އިސްކަންދޭ ތަރުތީބުން ވޯޓުލައެވެ.



