ޓިކްޓޮކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމުތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހަމުންދާ އަޙްމަދު އާމިރު (ބޫގާ) ގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ވިދާޅުވީ، ބޫގާގެ މައްސަލައަކީ ފުލުހުން ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ވަރަށް ގާތުން އަދި ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ.
ބޫގާއަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހަކަށް ވާތީ، އޭނާ ރާއްޖެ ގެނެސް ފިޔަވަޅު އެޅުމާ މެދު ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށާއި، އަދި ބޫގާއާ މެދު ޤާނޫނީ ގޮތުން އެޅެން ހުރި އެންމެހައި ފިޔަވަޅުތައް އަޅާނެ ކަމަށާއި، މި މައްސަލަ ފުލުހުން އެއްވެސް ވަރަކަށް ދޫކޮށްނުލާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އާމިރު ޓިކްޓޮކްގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅެމުން ދަނީ ބޭރު މީހަކާ ކައިވެނިކޮށްގެން އެ ޤައުމުގައެވެ. ނަމަވެސް އޭނާ ދޭތެރެދޭތެރެއިން ރާއްޖެ އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އާމިރު ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ހަޖޫޖަހައި ތަފާތު ވާހަކަތައް ދައްކަމުންދާއިރު، މީގެ ކުރިން އޭނާ ވަނީ މުސްލިމް ފިރިހެނުން ޚިތާނުކުރަން ނުޖެހޭނެ ކަމަށް ބުނެ ވެސް ވާހަކަދައްކައިފައެވެ.
މީގެ އިތުރުން ޓިކްޓޮކް ލައިވެއްގައި އޭނާ ވަނީ ބަރަހަނާވެސް ދައްކާފައެވެ.



