މާލޭގެ ބާޒާރުމަތި ސަރަހައްދުން އަށް ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ހަވީރު ކުރިއަށްގެންދިއަ ރެއިޑު އޮޕަރޭޝަންގައި، މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިއަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަތުމުގެ ހާއްސަ އޮޕަރޭޝަނެއް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުންގެ ހިދުމަތް ގުޅިގެންދަނީ ހިންގަމުންނެވެ.
މީގެއިތުރުން ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާފައެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.


