ދުނިޔޭގެ މަޝްހޫރު ފްލިޕް-ފްލޮޕް ބްރޭންޑް، ބްރެޒިލްގެ ހަވައިނާސްގެ ފުރަތަމަ އައުޓްލެޓް މާލޭގައި ހުޅުވައިފިއެވެ.
މި އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރ މުހައްމަދު ސައީދެވެ.
މި ބްރޭންޑް ރާއްޖެއަށް ގެނެސްފައިވަނީ ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑާއި ބްރެޒިލްގެ މެނުފެކްޗަރިންގ ކުންފުނި އަލްޕަރގަޓާސްއާ ދެމެދު ވެފައިވާ ޕާޓްނަރޝިޕެއްގެ ދަށުންނެވެ.
ޕްރޮވިޑެންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ މުހައްމަދު ހާނީ މައުލޫމާތު ދެއްވި ގޮތުގައި ރާއްޖޭގައި، ޚާއްސަކޮށް ޓޫރިސްޓް ރިސޯޓުތަކުގައި ހަވައިނާސް ބްރޭންޑަށް ވަރަށް ބޮޑު ޑިމާންޑެއް އެބައޮތެވެ.
ހާނީ ވިދާޅުވި ގޮތުގައި މާލޭގައި ހުޅުވި އައުޓްލެޓުން އަންހެނުންނާއި، ފިރިހެނުންނާއި، ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ފްލިޕް-ފްލޮޕްތަކާއި އެކްސެސަރީޒްގެ ބައިވަރު ޗޮއިސްއެއް ލިބެން ހުންނާނެއެވެ.
”ހަވައިނާސްގެ ތަކެތި އިމްޕޯޓްކުރާނީ ސީދާ ބްރެޒިލުން. މިތަނުން ލިބެން ހުންނަ ތަކެތީގެ އަގު އެހެން ގައުމުތަކަށް ވުރެ ހެޔޮވާނެ.“ އޭނާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހަވައިނާސްގެ ތަކެތި ރާއްޖޭގެ އެކި ރަށްރަށާއި ރިސޯޓުތަކަށް ޑިސްޓްރިބިއުޓްކުރަމުން ގެންދާނެ ކަމަށާއި، ހަވައިނާސްގެ ތަކެތި ހޯލްސޭލްކޮށް ވިއްކުމަށް ވެބްސައިޓެއް ތައްޔާރުކުރަމުންދާ ކަމަށްވެސް ހާނީ ވިދާޅުވިއެވެ.
ހަވައިނާސްއަކީ 1962 އިން ފެށިގެން އެ ބްރޭންޑުގެ އައިކޮނިކް ރަބަރު ސޯލްއާއި، އުޖާލަ ކުލަތަކާއި، ހޫނު މޫސުމާ ގުޅޭ ޑިޒައިންތަކާއެކު ބްރެޒިލިއަން ރޫހު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރަމުންދާ ބްރޭންޑެކެވެ.
100 އަށްވުރެ ގިނަ ގައުމުގައި ހަވައިނާސްގެ ފްލިޕް-ފްލޮޕް ވިއްކަމުންދާއިރު، މި ބްރޭންޑަކީ ޒަމާނީ ފްލިޕް-ފްލޮޕްގެ ނަމަކަށް ވެފައިވެއެވެ.



