ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.
އާރްޑީސީން މިއަދު ބުނީ އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ އޯކިޑް މަގުގައި ދުވާރުގެ މަސައްކަތް ކަމަށާއި، އަދި ހުރަވީ ދަނޑުގެ ޕޭވިންގ ކޮންކްރީޓްގެ މަސައްކަތް ކަމަށެވެ.
މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މިމަޝްރޫއުގެ ދަށުން އެރަށުގައި 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ.

އާރްޑީސީން ބުނީ މި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާއިރު، ފެން ހިންދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ. އަދި މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށެވެ.
އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި 102 މިލިޔަން ރުފިޔާއަށެވެ.



