ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އެޖެންޑާ ނުކޮށް ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މިކަން ނިންމާފައިވަނީ ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެއެވެ.
މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ކޮންމެ ހަފްތާއެއްގައި މަދުވެގެން ތިން ދުވަހު ޖަލްސާ ބާއްވަން ޖެހެއެވެ. އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
ނަމަވެސް މި ހަފްތާގައި އިއްޔެ އަދި މިއަދުގެ ޖަލްސާވެސް ވަނީ ކެންސަލްކޮށްފައެވެ.
ޖަލްސާތައް ކެންސަލްވި ނަމަވެސް، ކޮމިޓީތަކުގެ މަސައްކަތްތައް އާންމު ގޮތެއްގައި ކުރިއަށްދެއެވެ. އިއްޔެވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާއިރު، މިއަދު ދެ ކޮމިޓީއެއްގެ މަސައްކަތް އެޖެންޑާ ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އެހެންނަމަވެސް ޖަލްސާތައް ކެންސަލްކުރަން ޖެހުނު އަސްލު ސަބަބު މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބޭއްވިފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އެ ޖަލްސާގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް މަޖިލީހަށް ހާޒިރުކޮށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އާއި އެހެނިހެން މެންބަރުން ސުވާލުކުރެއްވިއެވެ.
މީގެ އިތުރުން އެ ޖަލްސާގައި ބައެއް ގައުމުތަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަނުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވުނެވެ.
ކުރީގައިވެސް މަޖިލީހުގެ ޖަލްސާތައް ކެންސަލްވަމުން ދިއުމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
މިކަމާ ގުޅިގެން މަޖިލީހުގެ މެންބަރުންނާއި ރައީސް ވިދާޅުވެފައިވަނީ ތަޅުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.



