ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާއި ހަވާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ނިންމައިފިއެވެ.
މިއީ ”ގެދޮރުވެރިކުރުން“ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީ ކޮށްފައިވާ ފްލެޓުތަކެކެވެ.
މި ފްލެޓުތަކުގެ ހާލަތު ދެނެގަތުމުގެ (އިންސްޕެކްޝަން) މަސައްކަތް އެފްޑީސީން މިހާރު ވަނީ ފަށާފައެވެ.
އެ ކޯޕަރޭޝަނުން ބުނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އިސްޕެކްޝަންގެ މައިގަނޑު ބޭނުމަކީ އެފްޑީސީއިން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ހާލަތު ހުރިގޮތް ދެނެގަތުން ކަމަށެވެ.
މިގޮތުން، އިމާރާތުގެ ސްޓްރަކްޗަރއާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ފްލެޓްތަކަށް ވަކިވަކިންގޮސް ސަރވޭކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެފްޑީސީއިން ބުންޏެވެ.
މި އިންސްޕެކްޝަނާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.



