މިއަހަރުގެ މާރޗްމަހުގެ ނިޔަލަށް މާލެ ސަރަޙައްދުން އެކަނިވެސް 1000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީމަހުން ފެށިގެން މާރޗްމަހުގެ ނިޔަލަށް މާލެ ސަރަޙައްދުގައި ޖުމްލަ 1068 އެކްސިޑެންޓު ހިނގާފައިވެއެވެ.
މިގޮތުން ޖެނުއަރީމަހު މާލެ ސަރަހައްދުގައި 318 އެކްސިޑެންޓް ހިނގާފައިވާއިރު، ފެބްރުއަރީމަހު 398 އެކްސިޑެންޓް އަދި މާރޗްމަހު 352 އެކްސިޑެންޓް ހިނގާފައިވެއެވެ. އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައި ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފެބްރުއަރީމަހު މާލޭގައި އެކަނި 216 އެކްސިޑެންޓު ހިނގާފައިވާއިރު، ހުޅުމާލޭގައި 169 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި މާރޗްމަހު މާލޭގައި 193 އެކްސިޑެންޓާއި ހުޅުމާލޭގައި 140 އެކްސިޑެންޓް ހިނގާފައިވެއެވެ.
މީގެއިތުރުން ވިލިމާލެ އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައިވެސް އެކި މިންވަރަށް އެކްސިޑެންޓުތައް ހިނގާފައިވެއެވެ.
އެކްސިޑެންޓުތަކުގެ އަދަދު އިތުރުވަމުންދާތީ، އެއްގަމު އުޅަނދުފަހަރު ދުއްވާއިރު މަގުމަތީގެ ޤަވާއިދުތަކަށް ބޯލަނބައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
އަދި މިފަދަ ހާދިސާތައް މަދުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.



