އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ތަރައްޤީކުރަމުންދާ 75 އެނދުގެ ވޯޑް ކޮމްޕްލެކްސްގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީއިން މިއަދު ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ، މިހާރު ކުރިއަށްދަނީ ފިނިޝިންގގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫޢުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މި ކޮމްޕްލެކްސްގައި 61 އެނދުގެ ވޯޑަކާއި 15 ޕްރައިވެޓް ރޫމް ހިމެނޭއިރު، މަޝްރޫޢުގެ މަސައްކަތް ފެށުނީ ކުރީގެ އިމާރާތް ތަޅާލުމަށްފަހު، އަލުން ކުރެހުންތަކާ އެއްގޮތަށް އިމާރާތްކުރުމުގެ މަސައްކަތްތަކާ އެކުގައެވެ.
އާރްޑީސީން ބުނި ގޮތުގައި، މި ކޮމްޕްލެކްސްގައި އެންމެ ޒަމާނީ ވަސީލަތްތަކާއި އާލާތްތައް ހިމެނޭއިރު، 28 ފާޚާނައާއި 6 ނަރުހުންގެ ސްޓޭޝަން ޤާއިމްކުރެވިފައިވެއެވެ.

އަދި ޚާއްސަ ހާލަތްތަކުގައި ބޭނުންކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ ބޭނުންތަކަށް ފަސޭހައިން ބަދަލުކުރެވޭ ގޮތަށް ވެސް މި ކޮމްޕްލެކްސް ފަރުމާކުރެވިފައިވެއެވެ.
މި ކޮމްޕްލެކްސްގެ އިންޓީރިއަރ މަސައްކަތްތައް ވެސް ވަނީ ނިމިފައިވާ ކަމަށް އާރްޑީސީން ބުނެފައިވެއެވެ.




