މި ސަރުކާރުން އެއްވެސް ސިޔާސީ ފަރާތެއް ފްރޭމްކުރަން މަސައްކަތް ނުކުރާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހަށް ޖާޒިރުވެ، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ްެއެގޮތުން އެމްޑީޕީން އިދިކޮޅަށްދާ ކޮންމެ ފަހަރަކީ ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގެ އަގުވައްޓާލައި ފަހަރެއްކަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ވިދާޅުވީ މިހާރުވެސް އިދިކޮޅު ފަރާތްތަކުން ދައްކަވަނީ އެފަދަ ވާހަކަތަކެއް ކަމަށެވެ.
”މި ސަރުކާރު އައި ފަހުން ތިބޭފުޅުން ކޮން ވާހަކަތަކެއްތޯ ނުދައްކަވަނީ؟ އެފަދަ ވާހަކަތައް ދައްކަވާފައި ވެސް ކޮން ރައްކާތެރިކަމެއްތޯ ނުލިބި އޮތީ؟“ ހޯމް މިނިސްޓަރ އިދިކޮޅު ފަރާތްތަކާ ސުވާލު ކުރައްވާފައިވެއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، އެއްވެސް ރައްޔިތަކަށް ލިބެންޖެހޭ ރައްކާތެރިކަން ނުލިބޭކަމަށް ކިރިޔާވެސް ޝައްކެއްވާ ހިސާބުން، އެފަރާތަކަށް ލިބެންޖެހޭ ރައްކާތެރިކަން މިސަރުކާރުގެ ސަލާމަތީ ބާރުތަކުން ފޯރުކޮށްދެމުންދާ ކަމަށާއި އެެއްވެސް މީހަކަށް ނުރައްކަލެއް ނުވަތަ އިންޒާރެއްވެސް ލިބިފައިވާނަމަ އެ މައްސަލައެއް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.



