ފަތުރުވެރިކަމަށް މިއަހަރު 1،290 އެނދު ނެރެވޭނެ ކަމަށާއި މިވަގުތު 156 ތަނެއް ފަތުރުވެރިކަމަށް ތަރައްގީކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރ ތޯރިޤް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އެއްކުރި ފަހުން ރައީސް އޮފީހުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތާއި އެ މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ މިވަގުތު އެ ސިނާއަތުގައި ދިވެހި ބްރޭންޑުތަކުގެ ނަމުގައި 65 ރިސޯޓު އޮޕަރޭޓު ކުރާ ކަމަށާއި ބައިނަލްއަގުވާމީ ބްރޭންޑުތަކުން އޮޕަރޭޓުކުރަނީ 110 ރިސޯޓު ކަމަށެވެ.
”މިވަގުތު ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. އޭގެ ތެރޭގައި އެބަހުރި ގާތްގަނޑަކަށް 61 ތަނެއް، އެކި ސަބަބުތަކަށްޓަކައި މަޑުޖެހިފައި. ދެން މި އަހަރުގެ ތެރޭގައި ޖުމްލަ 1،290 އެނދު މާކެޓަށް ނެރެވޭނެ ކަމަށް އިންޑަސްޓްރީން މައުލޫމާތު ލިބިފައި އޮތީ“ މިނިސްޓަރ ތޯރިޤް ވިދާޅުވިއެވެ.
މިވަގުތު ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ އެނދުގެ ޖުމްލަ އަދަދު:
° ރިސޯޓް: 43،147
° ގެސްޓުހައުސް: 13،972
° ސަފާރީ: 3،133
° ހޮޓާ: 2،038
މިވަގުތު ޓޫރިޒަމް ދާއިރާގައި ހިދުމަތްދޭ ތަންތަނުގެ ޖުމްލަ އަދަދު:
° ރިސޯޓް: 175
° ގެސްޓުހައުސް: 816
° ސަފާރީ: 156
° ހޮޓާ: 15




