ލާމު އަތޮޅު ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އިސްވެރިންނާ ބައްދަލުކޮށްފިއެވެ.
އާރްޑީސީން މިއަދު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، ލާމު އަތޮޅު ކައުންސިލްގެ ރައީސް އާއި މެންބަރުން މިއަދު ވަނީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ގެނެރަލް (ރޓ) އަލީ ޒުހައިރު އަދި އިސް ފަރާތްތަކާއި ބައްދަލު ކުރައްވާފައި ކަމަށެވެ.
އަދު މި ބައްދަލުވުމުގައި އާރްޑީސީން ލާމު އަތޮޅުގައި ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ބުނެފައިވެއެވެ.
ލާމު އަތޮޅުގައި މިހާރު އާރްޑީސީން ކުރަމުންދާ މަސައްކަތްތަކަށް ބަލާލާއިރު އެ އަތޮޅުގެ ގަމުގެ މަގު ހެދުމުގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.
ލ.ގަމުގައި މިހާރު ކުރިއަށްދަނީ އެރަށުގެ ފޭސް 2 ސަރަހައްދީ މަގުގައި ސްޓޯމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް އަދި ހަމަ އެމަގުގެ މަގު ކޮނުމާއި، ބެކް ފްލިންގްގެ މަސައްކަތް ކަމަށް އާރްޑީސީން ކުރިން ބުނެފައިވެއެވެ.
އާރްޑީސީން މިވަގުތު ދެކުނުގެ ޖުމްލަ ހަ ރަށެއްގައި މަގު ތަރައްޤީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދެއެވެ.
މިގޮތުން ތ. ތިމަރަފުށި، ލ. ގަން ފޭސް 2، ގއ. ކޮލަމާފުށި، ގއ. ވިލިނގިލި ފޭސް 2، ގދ. ތިނަދޫ ފޭސް 2 އަދި ގދ. ގައްދޫގައި ޒަމާނީ ފެންވަރުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދެއެވެ.



