މަސްޖިދުއްނަބަވީގެ އިމާމު ޝައިހް ޑރ. ސަލާހުލް ބުދައިރުގެ ފަހަތުގައި ނަމާދުކުރުމަށް އެތައް ބަޔަކު މިރޭ ސަލްމާން މިސްކިތަށް އެއްވެ، މިސްކިތް ވަނީ މުޅިން ފުރާލާފައެވެ.
މިދިޔަ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި ޝައިހް ޑރ. ސަލާހުލް ބުދައިރު، މިރޭ ސަލްމާން މިސްކިތުގައި މަގްރިބު އަދި އިޝާ ނަމާދު އިމާމުވެ ކުރެއްވިއެވެ. މި ޖަމާއަތުގައި ޒުވާނުންނާއި، ދުވަސްވީ މީހުންނާއި، ކުޑަކުދިންގެ އިތުރުން ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދު އިމާމުވެ ކުރެއްވުމަށްފަހު، ޝައިހް ޑރ. ސަލާހުލް ބުދައިރު ހާއްސަ ދަރުހެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުވެސް އިސްލާމީ މަރުކަޒުގައި އިމާމުވެ ކުރައްވާނީ އެމަނިކުފާނެވެ.
ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޝައިހް ޑރ. ސަލާހުލް ބުދައިރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާވެސް ބައްދަލުކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ 40 އަހަރު ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެންމެ ފަހުން ހަރަމްފުޅުގެ އިމާމަކު ރާއްޖެ ވަޑައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް މައްކާގެ ހަރަމްފުޅު މަސްޖިދުއް ހަރަމްގެ އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު އައްސުބައްޔިލެވެ.



